އެޖެންޑާ19 އެކުލަވައިލާފައިވަނީ ރައްޔިތުންގެ ގާތަށް އެމްޑީޕީއިން ގޮސް، ދޮރުން ދޮރަށް ހިނގާ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ޚިޔާލުތައް އަޑުއެހުމަށްފަހު، ކަމާބެހޭ ޢިލްމާއި، ޙިލްމުގެ އަލީގައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ހުރިހާ ޝަކުވާއެއްގެވެސް ފަރުވާއަކީ އެޖެންޑާ19 އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީއިން ހުށަހަޅާ 19 ޤާނޫނީ އޮނިގަނޑު ތަރުތީބުވަނީ މައިގަނޑު ފަސް ސުރުޚީގެ ދަށަށެވެ. އެއީ އިންސާފު، އޯގާތެރި ސަރުކާރު، ފަޚްރުވެރި ޢާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިޤްތިސާދެވެ.

އެޖެންޑާ19ގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކަށަވަރުކޮށްދެނީ ޢަދުލް އިންސާފާއި، ދައުލަތް ޖަވާބުދާރީ ކުރުވުމެވެ.

އިތުބާރުހުރި ސިއްޙީ ނިޒާމާއި، ވަޒީފާ ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް ޢިނާޔަތާއި، އެންމެ ކުޑަމިނުން ޙަލާލު މަސައްކަތަށް ދޭން ލާޒިމުވާ އުޖޫރައެވެ.

ބޯހިޔާވަހިކަމާއި، އެންމެ %1 އިންޓްރެސްޓްގައި ކިޔަވާކުދިންގެ ލޯނެވެ.

ގޮއެފާލައްބަތަކާއި ވިލުފަޅުތައް ޙިމާޔަތްކުރުމާއި، ނަޒާހަތްތެރި މަޖިލިހެއް ބިނާކުރުމާއި، ލާމަރުކަޒީ ނިޒާމެވެ.

އަދި ފެނާއި ކަރަންޓު އަގުހެޔޮކުރުމާއި، މަހަށް ހަމަ އަގު ހޯދުމާއި، ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކުރުމާއި، އެގްރި ވިޔަފާރި ފަހިކުރުމާއި، ދަތުރުފަތުރުގެ ވިއުގައަކުން ރާއްޖެ ގުޅުވާލުމެވެ.

އެމްޑީޕީއިން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރަން އުޅޭ މަސައްކަތް ސާފެވެ. އެއީ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯ އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުތަކުގައި ޙަޤީޤީ ކުލަޖެއްސުމުގެ މަސައްކަތެވެ. އެޖެންޑާ19ގެ މެނިފެސްޓޯއިން އެކަން ކުރަން ނިންމާފައިވާ ގޮތް ސާފުކޮށް ބަޔާންވެގެންވާނެއެވެ.