އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލައްވާ މީކާއީލް އަޙްމަދު ނަސީމުގެ ޖަގަހައަށް މި މަހުގެ 8 ވަނަ ދުވަހުގެ މެންދަމު، ބަޔަކު ގެއްލުންދީ މަރުގެ އިންޒާރު ދީފައިވާތީ، މި ކަންކަން މި ޕާޓީން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

ގަލޮޅު ރެހެންދި ހިނގުމުގައި ހުރި، އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް، އަދި ގަލޮޅު ދެކުނު ކެންޑިޑޭޓުގެ ޖަގަހައިގައި ހުރި ބިލްބޯޑުތަކާއި ބެނާތައް ހަލާކުކޮށް، ބިއްލޫރިގަނޑު ތަޅާލައި، ކެންޑިޑޭޓަށް މަރުގެ އިންޒާރުދީ ހަދާފައިވެއެވެ. އަދި ހަމަ އެރޭ، ގަލޮޅު ރެހެންދި ހިނގުމުގައި ހަރުކޮށްފައި ހުރި ކެންޑިޑޭޓުގެ ބެނާތައް ކަނޑާލައި، ބެނާ ހަރުކުރި ހޮޅިތައް ހަލާކުކޮށް، ކެންޑިޑޭޓުގެ ކެމްޕެއިން ޓީމަށްވެސް ބަޔަކު އިންޒާރު ދީފައިވެއެވެ.

ރައްޔިތުންގެ މަޖިލީސް 2019 ގެ އިންތިޚާބާބެހޭ ޤަވާޢިދުގެ 21 ވަނަ މާއްދާގައިކަމަށްވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑުގައި، ޖަގަހަފަދަ ތަންތަނުގެ “އިންތިޒާމު ނަގައިލުމަށް އެއްވެސް ފަރާތަކުން މަސައްކަތްކުރާނަމަ، އެ ފަރާތަކާމެދު އަމިއްލައަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެކަން ޙައްލުކުރަން މަސައްކަތްކުރަންވާނީ ކަމާބެހޭ ފަރާތެއް މެދުވެރިކޮށް” ކަމުގައި ބަޔާންކޮށްފައިވާތީ، މި ޕާޓީން މި މައްސަލަ ވަގުތުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަންގާފައިވާނެއެވެ.

އަދި މިފަދަ ނޭއްދާރު ޢަމަލުތައް، އެމްޑީޕީ ފިޔަވައި މި ދާއިރާއަށް ކުރިމަތިލާފައިވާ އެހެން ޕާޓީތައްކަމުގައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއާއި ޖުމްހޫރީ ޕާޓީން، މި ދަނޑިވަޅުގައި ކުށްވެރިކޮށްފައިނުވާތީ އެމްޑީޕީން ޙައިރާންވެއެވެ. ޚާއްޞަކޮށް މި ދާއިރާއަށް ޖުމްހޫރީ ޕާޓީން ކުރިމަތިލައްވާ ކެންޑިޑޭޓު ޢަބްދުﷲ ނަވާޒަކީ ކުރީގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްކަމުގައިވާއިރު، އޭނާގެ އެއްވެސް ރައްދެއް، މި ނޭއްދާރު ޢަމަލަށް ލިބިފައިނުވާކަން މި ޕާޓީން ފާހަގަކުރަމެވެ.

މި ޕާޓީއަކީ، އިންސާނިއްޔަތާ ޚިލާފު ރަހުމުކުޑަ އަމަލުތައް ހުއްޓާލުމަށާއި، އިންސާނީ ކަރާމަތާއި، ޝަރަފަށް އިހުތިރާމްކުރުމަށް އަބަދުވެސް ގޮވާލާ ޕާޓީއަކަށްވީއިރު، މި ފަދަ ޢަމަލުތައް ހުއްޓުވޭނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކުގައިކަން މި ޕާޓީން ފާހަގަކުރަމެވެ.